ކުށްކުރާ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރުމަކީ ކުށްވެރިންގެ ކަންކަން ހޯދާ ދެނެގަތުމަށް މަސައްކަތްކުރާ ކްރިމިނޮލޮޖިސްޓުން އަބަދުވެސް ކުރާ ކަމެކެވެ. ތަފާތު ތިއަރީ ތަކާއި ހޯދުންތައް ހޯދުމުގެ ބޭނުމަކީ ކުށް މަދުކުރުމެވެ. ނުވަތަ ކުށް ނައްތާލުމެވެ. ކުށް ކުރާ އެކިއެކި ސަބަބު ތަކާއި ކުށްކުރާ ގޮތްތަކާއި އެއްކުށާއި އަނެއްކުށާއި ދެމެދު ހުރި ގުޅުން ހޯދައިގަތުމެވެ.

މިފަދަ އެކިއެކި ތިއަރީ ތަކުގެ ތެރެއިން މި މަޟުމޫނުގައި މި ބަލާލަނީ “ކްރައިމް އޮޕޯޗުނިޓީ ތިއަރީ” ނުވަތަ ކުށުގެ ފުރުޞަތު އޮން މިންވަރުގެ މައްޗަށް ބިނާވެގެންވާ ތިއަރީއެވެ. މި ތިއަރީ ބުނާގޮތުން ކުށްކުރަން ބޭނުންވާ ފަރާތުން އެންމެ ފުރަތަމަ ބަލާނީ އެކިއެކި ކުށްތަކުގެ ތެރެއިން އެންމެ ފަސޭހައިން ކުރެވެން އޮތް އަދި އެންމެ ފައިދާބޮޑު އެހެނަސް ކުށްވެރިވުމުގެ ފުރުޞަތު އެންމެ ކުޑަ ކުށްތައް ކުރުމަށެވެ. މިފަދަ ގިނަ ކުށްތަކަކީ “ވައިޓް ކޯލާ ކްރައިމް” ނުވަތަ ފައިސާގެ ބޭނުމުގައި ވިޔަފާރިތަކާއި ދަޢުލަތުގެ އިދާރާތައް މެދުވެރިކޮށް ކުރެވޭ “ނަންވައިލަންޓް” ނުވަތަ އަނިޔާއެއް ނުލިބޭ ކުށްތަކެވެ. މިފަދ ގިނަ ކުށްތަކަކީ ރޭވުން ތެރިކަމާއި ހިކްމަތްތެރި ކަމާއި ވިސްނުން ބޭނުންކޮށްގެން ދުރާލާ ކަންކަން ރާވައިގެން ކުރެވޭ ކުށްތަކެވެ.

މިއީވެސް ކުށެއް ކުރުމަށްވުރެ ބޮޑަށް ފައިސާ ތަކެއް ހޯދުމަށް ކުރެވޭ ކުށްތަކެވެ. ކުށުގެ ވެށީގައި އުޅޭ އެންމެންގެ ވެސް ވިސްނުން ބިނާވެފައި ހުންނާނީ އަވަސްގޮތަކުން ބޮޑު ފައިދާއެއް ހޯދުމެވެ. ނުވަތަ ފައިސާތަކެއް ހޯދުމަށެވެ. މިފަދަ ކުށްތައް ދިވެހިރާއްޖޭގައިވެސް ކުރާ މިންވަރު މަދެއްނޫނެވެ. އެހެން ނަމަވެސް މިފަދަ ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި އިދާރާތަކުގެ މުވައްޒަފުންގެ އިޤްތިޞާދީ ފުދުންތެރިކަން ދަށްވުމުގެ ސަބަބުން މިފަދަ ކުށްތަކުގެ ކުށްވެރިންނަށް އިޙްތިރާމް ކުރެވޭގޮތްވެ އެމީހުންގެ ޝިކާރައަކަށް އިދާރާތަކުގެ މުވައްޒަފުންވަނީ ވެފައެވެ.

“ކްރައިމް އޮޕޯޗުނިޓީ ތިއަރީ” ބުނާގޮތުން މިފަދަ ކުށެއް ކުރުމަށްޓަކައި ކުށްކުރަން ބޭނުންވާ ފަރާތުން އެންމެ ފުރަތަމަ ދިރާސާކުރާނީ ކުށްކުރުމަށްޓަކައި ބޭނުންކުރާ އިދާރާ ނުވަތަ ވިޔަފާރީގެ މުވައްޒަކު އެނާއާއި ބައިވެރިވޭތޯ އެވެ. އަދި ފުރުޞަތު އޮތް ކަމެއް ފެނުމާއި އެކު އެފަދަ ފުރުޞަތެއްގެ ބޭނުން ހިފާފާނެ ކަމަށް ބެލެވޭ މީހާ ހޯދައިގަތުމަށް ފޭސްބުކް އާއި ލިންކްޑްއިން ފަދަ ސޯޝަލް ވެބްސައިޓްތައް މެދުވެރިކޮށް ދިރާސާކޮށް އެކަން ކުރަން ބޭނުންވާ މީހާ ދަންނަ އަދި އެތަނެއްގައި ހުރިމީހާ ދަންނަ މީހަކު ހޯދާ އެފުރުޞަތުގެ ވާހަކަ ދައްކާ އެއްބަސްވެވޭ ގޮތްތަކެއް ހޯދާނެއެވެ. އަދި ކުށްކުރުމަށް ބޭނުންވާ މަޢުލޫމާތު ތަކާއި ކުށްކުރުމަށްފަހު ޢަމަލު ކުރާނެގޮތުގެ ދިރާސާކޮށް އެއްބަސްވެވޭގޮތްތަކެއް ހޯދާނެއެވެ.

މި ތިއަރީގައިވާފަދަ ކޮންމެ ކުށެއް ކުރުމަށް ފައިދާބޮޑު ފުރުޞަތެއް އޮންނަންވާނެއެވެ. އެފުރުޞަތު ހޯދައި ދެނެގަތުމަކީ ކުއްލި މުއްސަދިކަމެއް ހޯދަން ބޭނުން ކޮންމެ ބުއްދިވެރި ހިކްމަތްތެރި ކުށްވެރިޔެއްގެ ވެސް ޟަރޫރީ ވާޖިބެކެވެ. މި ޟަރޫރީ ވާޖިބު ފުރިހަމަ ކުރުމަށް ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ބޭނުންވާ ވަޒީފާ އަދާކުރާ މީހާ ހޯދަން މަޖުބޫރެވެ. ސައިކަލް ވިއްކަން މަޝްހޫރު ޝީޝާގެ އެކައުންޓުން ފައިސާ ނެރެގަތުމަށް ބޭނުންކޮށްފައިވަނީ ޝީޝާގެ ވިޔަފާރީގެ އެކައުންޓްތަކާއި ބެހޭ މަޢުލޫމާތު ތަކާއި ޑޮލަރުވިއްކަން އުޅޭ މީހުން ބޮޑެތި އަދަދުތަކުގެ ޑޮލަރު ވިއްކާގޮތާއި ބެހޭ މަޢުލޫމާތުތަކާއި އެސްބީއައި އިން ވިޔަފާރިކުރާ ގޮތާއި ބެހޭ މަޢުލޫމާތެވެ. މިއީ އެއްދުވަސް ދެދުވަހުން ކުރެވޭ މިންވަރަށްވުރެ ބޮޑަށް ރޭވުންތެރިކަމާއި އެކު ކޮށްފައިވާ ކަމެކެވެ.

މިކަން ކަމާއި ބެހޭ ދިރާސާކުރުމަށް ކުށްވެރިންގެ އިންޓެލިޖެންސް ނެޓްވޯކް ނުވަތަ ކުށްވެރިން މަޢުލޫމާތު ހޯދާ ވިއުގަތައް ބޭނުންކުރާނެއެވެ. އަދި މިފަދަ ވިއުގަތައް މެދުވެރިކޮށް ކުށްކުރާނެ ގޮތް ހޯދާ އެކިއެކި ހިސާބުތަކަށް އައްޔަންކުރަންޖެހޭ މީހުންނާއި މަސައްކަތް ހަވާލުކޮށް ތާރީޚްތަކާއި ކަންކުރާނެގޮތް ރާވާ އޭގެ މައްޗަށް ބިނާކޮށް ކަނޑައެޅި އެއްބަސްވެވޭ ގޮތަކަށް ކުށްކުރެވިގެން ދާނެއެވެ. މިއީ ދާދިފަހަކުން ކުރެވިގެންދިޔަ އަދިއަދާއި ހަމައަށްވެސް އޭގެ ހުރިހައި ބައިވެރިން ނުހޯދޭ ކުށެކެވެ.

މިތިއަރީ ބުނާގޮތުން މިފަދަ ކުށްތައް ބައެއް ފަހަރު ކުރަނީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ކޮންމެވެސް އެހެން ފިކުރީ ވިސްނުމަކާއި ގުޅިގެންނެވެ. އަދި މިފަދަ ކުށްތަކުގެ ފެށުމަކީ ފެންނަންހުންނަ ފުރުޞަތު ކަމުގައިވާތީ ފެންނަންހުންނަ ފުރުޞަތުތައް ކުޑަކުރުމުން ކުށްކުރުން މަދުވާނެއެވެ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s