ޚަބަރު އަޑުއަހާމީހަކު ހަމައެކަނި ޚަބަރުތައް އަޑުއަހާނަމަ އެމީހަކަށް އަބަދުވެސް އަޑުއިވޭނީ ކުށްކުރާ ވާހަކައެވެ. ހޮޅުއައްޓަށްގޮސް ވާނުވާ ސާފުކުރުމުންވެސް އިވޭނީ ކުށްކުރާ ވާހަކައެވެ. މިވެނި މީހަކު މިވެނި ކުށެއްކޮށްފި، އެވެނި މީހަކު ކުށެއްކޮށްގެން އެބަ ހޯދާ ފަދަ އަޑުތަކެވެ. އަޑުއަހާމީހާ އަކީ ބުއްދިއެއް ނެތް މީހެއް ކަމުގައިވާނަމަ ނުވަތަ ތިމާގެ ބުއްދީގެ މައްޗަށް ބާރެއް ނެތް މީހެއްކަމުގައިވާނަމަ އޭނައަށް ފެންނާނީ ގިނަ އަދަދެއްގެ ކުށްވެރިންނެވެ. މިއީ މިއަދު ދިވެހި މި ކުޑަ ޖަޒީރާ ގައުމުގެ ހާލަތެވެ. އެއްބައްރަކަށް އޮތްނަމަ ނޫޅެވޭވަރަށް ކުށްކުރާ މީހުން ހޭލަމޭލައަށް އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ.

ކުށެއްގެ ތުހުމަތުގައި ދުވަހަކުވެސް ދަޢުލަތުގެ އިދާރާއަކަށް ނުގެންދެވޭ މީހަކަށް ކުށްކުރުމަކީ ބޮޑު ކަމެކެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކޮށްފިނަމަ ބޮޑު އަދަބު ލިބެންޖެހޭ ކަމެކެވެ. ތިމަންނަ މިވެނި ތަނެއްގައި އެވެނި މަޤާމެއްގައި ހުރިނަމަ މިވެނިއެވެނި އަދަބު ދޭނަމޭ ބުނާމީހުންވެސް މަދުންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނެއެވެ. މިއިން އެއްވެސް މީހަކު ކުށްވެރިވަނީ ކީއްވެގެންތޯ ވިސްނާނުލައެވެ.

ކުށެއް ކުރުމުގެ ނިޔަތުގައި އެއްވެސް މީހަކު ކަމެއް ނުކުރާނެއެވެ. ހިގާށޭ ރަގަޅު ވަރެއްގެ ކުށެއް ކޮށްލަމާއޭ ކިޔާފަ އެއްވެސް ބަޔަކު ގުރޫޕް ހަދައިގެން ކުށެއްކުރުމުގެ ނިޔަތުގައި ކަމެއް ނުކުރާނެއެވެ. މީސްމީހުން ކުރަނީ އެކިއެކި ޢަމަލުތަކެވެ. ކަންކަމެވެ. މަސްވެރިންތަކެއް މަހަށްގޮސް ބާނާ މަސް ނުކިރިގެން އެކަމާއި އައި ރުޅިން ގޮސް މަސްތައް އަތޮޅު އޮފީހަށް އަޅާލީ ކުށެއް ކުރާކަށް ނޫނެވެ. އެއީ އެމީހުން އެވަގުތު އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން ކުރިކަމެކެވެ. ރެޔާއި ދުވާލު ކުރާ މަސައްކަތުން މަންފާއެއް ނުލިބި ނުއަގުގައި ވިއްކާލަން ޖެހޭތީ އުފެދުނު ޖަޒުބާތުތަކެއްގެ ނަތީޖާއެވެ. އެހެން ނަމަވެސް ކުށްވެރިވީއެވެ.

ގަބުރު މަތީގައި ނަމާދު ކުރުމަކީ ހަރާމްކަމެއްކަމުގައި ދީން ދަންނަ މީހުން ބުނާ އަޑުއިވޭތީ ގަބުރު ހުރި މިސްކިތެއްގައި ނަމާދު ނުކުރަންވެގެން ގެޔެއްގައި ނަމާދު ކުރިމީހުން އެނަމާދު ކުރީ ކުށެއް ކުރާކަށް ނޫނެވެ. އެމީހުންނަށް ލިބިފައިހުރި މަޢުލޫމާތުން ނަމަ ގަބުރުމަތީގައި ނަމާދުކުރުންފަދަ ބޮޑު ކުށަކަށް އަރައިނުގަތުމަށްޓަކައި ކުރިހެޔޮ ކަމެކެވެ. ނުބައިކަމެއް ނުކުރަންކުރި ހެޔޮކަމުގެ ސަބަބުންވެސް ކުށްވެރިވީއެވެ.

ދުވަހު ނޫހެއް ހުއްޓާލަންޖެހުމާއި އޮންލައިން ނޫހެއް ހުއްޓާލުމާއި ނޫސްވެރިޔަކު ގެއްލުމާއި ގުޅިގެން އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނޫސްވެރިންތަކެއް ނުކުމެ ވަކިސަރަހައްދެއްގައި އިށީދެގެން މަޑުންތިބީ ކުށެއް ކުރާކަށް ނޫނެވެ. އެމީހުން އާމްދަނީ ހޯދަންކުރާ މަސައްކަތް ބަޔަކު ރޭވުމެއްގެ ދަށުން ހުއްޓުވަމުންދާކަމަށް ފެންނާތީ އެބަޔަކަށް އެމީހުންނަށް އެކަން އެނގޭކަން ހާމަކަން ބޮޑުގޮތެއްގައި އަންގާށެވެ. އެބަޔަކަށް އެކަން އެނގުނެއްކަމަކު އާޚިރުގައި ކުށްވެރިވީ އެހިތްވަރު ކުރި މީހުންނެވެ.

މިފަދަ ކޮންމެ ހާދިސާއަކާއި ދެމެދު ވިސްނާލުމުން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ކުށެއްކަމުގައި ނުވާކަންތައް އަނެއްބަޔަކު ނުކުމެ ކުށެއް ކަމުގައިހަދާ ކުށްވެރިކުރާކަމެވެ. ކުށްވެރި ކުރާ މީހުން ކުށްވެރި ކުރަނީ ކުށްވެރިކުރަން ނިންމާ މީހާއަށް މިހެދެނީ ގޯހެއްކަން އެނގިހުރެ އިތުރު ބަޔަކު އެފަދަ ކަމެއް ކޮށްފާނެތީ ބިރު ދެއްކުމުގެ ގޮތުންނެވެ. ކުށްވެރިކޮށް ލިޔުން ހަދާ އެލިޔުން ކަމާއިބެހޭ އިދާރާ ތަކަށް ހުށަހަޅާ އެތަނުން އެއަށް ފައިސިލާކޮށް އެނިންމި ނިންމުމާއި އެއްގޮތަށް އަދަބުދީ ނިންމަނީ ބާރުހުރިފަރާތުގެ ބަތާ ކައިގެން އުޅޭ އަޅުގަނޑުމެން ފަދަ ދިވެހީންނެވެ. މިއިން މީހަކު ކުރާ ކަމަކާއި ގުޅިގެން ކުށްވެރިކުރަން އެހެން ބަޔަކު އުޅޭތަން ފެންނައިރަށް ހޯހޯ ގޮވާ ރޮއިއާދޭސް ކުރަމުން ދުވާނެއެވެ. މިއީ ފަނާކުރުވަނިވި ޖަންގަލީގެ ނިމުމެއް ނެތް އުޞޫލެވެ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s